| ޒީނާގެ މަޢުޞޫމު ހިތަށް ދުނިޔޭގެ އަލިކަން ފާއްދާލީ، ރޭގަނޑުގެ ކަނު އަނދިރީގެ ތެރެއިން ފަތިހުގެ އަލިކަން ދުނިޔެއަށް ފާއްދާލާ ބީދައިންނެވެ. އާދޭހެވެ. އޭނާގެ ހިތަށް ދުނިޔޭގެ އަލިކަން ފާއްދާލިއިރު، އޭނާގެ މަންމައާއި ބައްޕަ ވަނީ ނިޔާވެފަ އެވެ. ކުރިމަތިވެފައިވާ ނިކަމެތި ޙާލާމެދު ހިތާމަކުރުމުގައި ދުވަސްތައް ބޭކާރުކޮށްނުލައި، އޭނާ ޢަޒުމުކަނޑައެޅީ މުޖުތަމަޢު ޤަބޫލުކުރާނެ މަޤުބޫލު ޝަޚުޞިއްޔަތަކަށް ވުމަށެވެ. ބޮޑުދައިތަގެ ދުލުން ބޭރުވާ ނުރުހުމުގެ ބަސްތަކަށް ކެތްކުރަމުން ގެންދިޔައީ މި މަތިވެރި މަޤުޞަދު ޙާޞިލުކުރުމަށްޓަކަ އެވެ. ބޮޑުދައިތަގެ ޚިދުމަތުގައި ރެއާއި ދުވާލު ހޭދަކުރެ އެވެ. ފިލާވަޅު ދަސްކުރަން ލިބެނީ ދަންވަރުގެ ވަގުތުކޮޅެކެވެ. ނަމަވެސް ކޮންމެ ޓާމެއްގައި އޭނާ ކްލާހުން އެއްވަނަ ޙާޞިލުކުރެ އެވެ. އެއީ އޭނާގެ ހިތް އުފަލުން ފޮޅުވައިލާ ފިނިފެންމަލެއް ފަދަ ބޮޑު ކާމިޔާބެކެވެ! ދުވަސްތައް ފާއިތުވަމުން ގޮސް، އޯލެވެލް ނަތީޖާ އިޢުލާންކުރާ ދުވަސް އަތުވެއްޖެ އެވެ. އެހެންފަހަރުފަހަރެކޭ ވެސް އެއްފަދައިން މި ފަހަރު ވެސް އޯލެވެލް އިމްތިޙާނުން އެއްވަނައަށް ދިޔައީ ޒީނާ އެވެ. ވީ އުފަލުގެ ކޮޅެއް ވެސް ނެތެވެ. އެންމެ ފުރަތަމަ ވެސް އޭނާއަށް މަރްޙަބާކީ، އޭނާއަށް އެކި ކަންތައްތަކުގައި އަބަދުވެސް ހިތްވަރުދެމުން ގެންދާ އޭނާގެ ހުވަފެންތަކުގެ އަސްވާރެވެ. އެއީ ޒަޔާނެވެ. ޒީނާ ކަހަލަ ގެވެހި، މޮޅު ކުއްޖަކު، ޙަޔާތުގެ ބައިވެރިއަކަށް ހަދަން ލިބުނީތީ، ޒަޔާން އަބަދުވެސް އުފާކުރެ އެވެ. ޒަޔާން ކުޑައިރުއްސުރެ ދެކެމުން ދިޔަ ހުވަފެނަކީ، އޭނާގެ ގޭގެ އޮޅިގަނޑު ރަނގަޅު ކުރުމެވެ. އިރާދަކުރެއްވީތީ، މިއަދު މިވަނީ އެ ހުވަފެން ޙަޤީޤަތަކަށް ވުމުގެ މަގުމަތީގަ އެވެ. ޒަޔާނާއި ޒީނާ ނިންމީ، އޯލެވެލް ހަދާ ނިމުމާއެކު، އެ ދެމީހުންގެ ކައިވެންޏާ ބެހޭ ގޮތުން ޒަޔާންގެ މަންމައާއި ބައްޕައާއި ވާހަކަދެއްކުމަށެވެ. ޒަޔާންގެ އާއިލާއަކީ، މުއްސަނދިކަމަށް ލޯބިކުރާ އާއިލާއަކަށް ވުމާއެކު މިވާހަކަ މަންމައާއި ބައްޕަގެ ގާތުގައި ދެއްކުމަށް ޒަޔާން ޖެހިލުން ވެސްވި އެވެ. ނަމަވެސް ޒީނާގެ ހާލު ފެނުމުން ކޮންމެ ގޮތެއް ވިޔަސް ވަރިހަމަ ކަމުގައި މިވާހަކަ ދައްކަން ނިންމި އެވެ. ހުކުރު ދުވަހުގެ މެންދުރު ކެއުމަށް ޒަޔާންގެ ގެއަށް ޒީނާ ޒިޔާރަތްކުރުމަށް ޒަޔާން ދަޢުވަތު ދިނެވެ. ޒީނާ ވެސް މިކަން އުފަލާއެކު ގަބޫލުކުރި އެވެ. އެކަމަކު ޖެހިލުންވެހުރެ އެވެ. ވަގުތު ކުޑަތަންވި ވަރަކަށް ޒީނާގެ ހާސްކަން ދިޔައީ އިތުރުވަމުންނެވެ. ޒަޔާންގެ މަންމައާއި ބައްޕަ ބުނެފާނެ އެއްޗަކާމެދު އެތައް އުދާސްތަކެއް އޭނާގެ ހިތުގައި ކެކެމުންދިޔަ އެވެ. ޒަޔާން ހުކުރަށްދާން ފެންވަރައިގެން ނިކުމެ މަންމައާއެކު މަޖާކޮށްލަމުން ބުނެލި އެވެ. "މިއަދު މަންމައަށް ސަރޕްރައިޒެއް ދޭނަން. މިއަދު އަހަރެންގެ ވަރަށް ޚާއްޞަ އެކުވެރިއަކު މިގެއަށް އަންނާނެ. މަންމާ! މަންމަ ހަދާ މީރު ފަޖު މިއަދު ހަދައިދެއްޗޭ، އިނގޭ!" މިފަދަ އެތައް ވާހަކަތަކެއް ޒަޔާނު ފައްޗަކަށް އަމުނައިލި އެވެ. މަންމަ ހުރީ ބުނާނެ ހަމައެކައްޗެއް ވެސް ނޭގި، ބޭސޯޚުވެފަ އެވެ. ޒަޔާންގެ މަންމައާއި ބައްޕަ ނިންމައިގެން ތިބީ، ކަތީބުގޭ ސުހާއާ، ޒަޔާން ދެވުމަށެވެ. ޒަޔާންގެ މަންމަ ވިސްނާލާފައި ބުންޏެވެ. "ދަރިފުޅާ! އެއީ ކޮން ކުއްޖެއްތަ؟" "މަންމާ! އެއީ ސަރޕްރައިޒެއް! މިވަގުތަކު ނުބުނާނަން! އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް މަންމައާ އޭނާ ބައްދަލުވެދާނެ!" ހުކުރު ނަމާދު ކޮށްގެން، ބައްޕައަށްވުރެ ކުރިން ޒަޔާން ގެއަށް ދިޔަ އެވެ. އަވަސް އަވަހަށް އޭނާ ގެއަށް ދިޔައީ، ޒީނާ އަންނަންވާއިރަށް ގޭތެރޭގެ ޒީނަތްތެރިކަން އިތުރުކޮށްލުން ފިޔަވައި އެހެން މުހުތާދެއް އޮވެގެނެއް ނޫނެވެ. ވަގުތު ކުޑަތަންވި ވަރަކަށް އެންމެންގެ ހިތްތަކުން ދިޔައީ، ކެތްތެރިކަން ކުޑަވަމުންނެވެ. ޒަޔާނާއި އޭނާގެ މަންމައާއި ބައްޕަ، ޒީނާގެ އިންތިޒާރުގައި ކެތް މަދުވެފައި ތިއްބެވެ. އެ އިންތިޒާރުގައި އެންމެން ތިއްބައި، ދޮރުގައި ޓަކިޖެހި އަޑު އިވުނެވެ. އަދި އަންހެން ކުއްޖަކު ސަލާމް ގޮވާލި އަޑު ވެސް އިވުނެވެ. ޒަޔާން ފުންމައިގެން ތެދުވެ، ދުވެފައި ކަހަލަ ގޮތަކަށް ގޮސް ދޮރު ހުޅުވައިލި އެވެ. "އަސްތާ! ހާދަހާ ރީއްޗޭ!" ޒީނާ ފެނުމުން، ބޭއިޚުތިޔާރުގައި ކަހަލަ ގޮތަކަށް ޒަޔާނަށް ވައިއަޑުން ބުނެލެވުނެވެ. ޒީނާ ލައިގެން ހުރީ ފިޔާތޮށި ކުލައިގެ ރީތި ޕާކިސްތާނު ހެދުމެކެވެ. އޭނާގެ ކަޅު، ފަން، ދިހުންއަރާ އިސްތަށިގަނޑު ވަނީ ކަނދުރާ މައްޗަށް ވިހުރާލާފަ އެވެ. އޭގެ ތެރެއިން އޭނާގެ ރަތް ދޮންކުލައިގެ މޫނު ފެންނަނީ ސާދަވިލޭރޭގެ ހަނދު ފަދައިންނެވެ! "އަވަހަށް ގޭތެރެއަށް ދަމާ ހިނގާ! މަންމައާއި ބައްޕަ، އަދި ކޮއްކޮ ވެސް ކާ މޭޒު ދޮށުގައި، ޒީނާއަށް އެބަ އިންތިޒާރުކުރޭ!" ޒަޔާން މިހެން ބުނުމުން ޒީނާ ކުޑަކޮށް ޖެހިލުންވި އެވެ. އަދި ބުންޏެވެ. "ޒަޔާން! އަހަރެން ވަރަށް ބޮޑަށް އެބަ ބިރުގަނޭ!" ޒީނާގެ ހިތަށް ވެރިވެފައިވާ ހާސްކަމާއި ކަންބޮޑުވުން ފިލުވައިލުމަށްޓަކައި މަސައްކަތްކުރަމުން ޒަޔާން ބުންޏެވެ. "ބިރުގަންނަންވީ ކީއްވެގެންތަ؟ ބިރުގަންނަންވީ އެއްވެސް ކަމެއް ނެތް! އަވަހަށް ހިނގާ އެތެރެއަށް ދަމާ!" ޒީނާއާއި ޒަޔާން އަންނަތަން ފެނުމުން، ޒަޔާންގެ ބައްޕަ ފުންމައިގެން ތެދުވި އެވެ. އަދި ވަރަށް ބާރަށް ބުނެލި އެވެ. "ދެން އެންމެ ފިޔަވަޅެއް ވެސް އެތެރެއަށް އަޅައިގެނެއް ނުވާނެ! ތިހައި ފަޤީރު ކުއްޖަކާ ޒަޔާން ގުޅިދާނެ ކަމަކަށް އަހަރެންގެ ހިތަށް ދުވަހަކު ވެސް ނާރާ!" މިމޭރުމުން އަމުނާލި ފަތިވަރު އިތުރަށް ކުރިއަށް ގެންދަމުން ބުންޏެވެ. "ޒަޔާނަށް ސާބަސް. މުޅި މިރަށުން ޒަޔާނަށް ފެނުނު އަންހެން ކުއްޖަކީ ތިޔައީތަ؟ ތިޔައީ، މަޔެއް، ބަފައެއް، ނެތް ފަޤީރު ކުއްޖެއް ނޫންތަ؟ ތިކަހަލަ ދެރަ އަންހެން ކުއްޖަކަށް، އަހަރެމެންގެ މި ތަނަވަސް ދިރިއުޅުމުގެ ތެރެއަށް އާދެވޭނީ ކިހިނަކުންތަ؟" ޒަޔާންގެ ބައްޕަގެ ވާހަކަ މިހިސާބަށް ދިޔައިރު، އޭނާގެ މަންމައަކަށް ވެސް މަޑަކުން ނުހުރެވުނެވެ. "ކީއްތަ ވާނީ ކަތީބުގޭ ސުހާ ކަހަލަ އަންހެން ކުއްޖަކާ ގުޅުނިއްޔާ! ޒަޔާނާ މެދު މަވެސް އަންތަރީސް ވެއްޖެ!" މަންމަ މިހެން ބުނުމާއެކު ކޮއްކޮ ވެސް އެއްޗެއް އިތުރުކޮށްލަމުން ބުނެލި އެވެ. "އައްޗި! މިގެއަށް ތިހާ ފަޤީރު ކުދިން ނުގެންނާތި! މަށެއް ދެން ބޭބެއަކާ ވާހަކައެއް ނުދައްކާނަން!" މި ބީދައިން ކަންތައް ހިނގަމުން ދިޔައިރު، ޒަޔާން ހުރީ ބަސް ހުއްޓިފަ އެވެ. ބުނާނެ އެއްޗެއް، ކުރާނެ ކަމެއް ނޭނގިފަ އެވެ. ޒަޔާނަކީ، މަންމައާއި ބައްޕަގެ ބަސް ގަބޫލުކުރާ ކުއްޖެކެވެ. އޭނާ ޒީނާ ދެކެ ކިތަންމެ ވަރަކަށް ލޯބިވިޔަސް، އާއިލާގެ އެންމެނާ ދެކޮޅަށް އެ ލޯބީގައި ކުރިޔަށް ދެވިދާނެ ހެއްޔެވެ؟ އޭރު ޒަޔާން ވަނީ ފެންކަޅިވެފަ އެވެ. ކުއްލިއަކަށް ކުރިމަތިވި ފުން ހިތާމައެއްގެ ތެރެއަށް، މާފުނަށް ގެނބިފަ އެވެ. ގިސްލާ ޙާލު، ޒީނާއާ މުޚާޠަބުކޮށް ބުނެލި އެވެ. "ޒީނާ! ދެން އަހަންނަށް ޒީނާއާ އިނދެވޭކަށެއް ނެތް!" މި އަޑު އިވުމާއެކު، ޒީނާގެ ފައިދަށުން ބިންގަނޑު ދެމިގަތް ކަހަލަ އެވެ. ޒީނާއަށް ހީވީ، ޒަޔާންގެ މަޑުމަޑު އަތުން އޭނާގެ ކަރު ކަނޑާ ވައްޓާލިހެންނެވެ! ދެން ފަހަތަށް ފިޔަވަޅު އަޅަމުން ގޮސް މަޑުމަޑުން ގެއިން ނިކުމެއްޖެ އެވެ. އެ ގެއިން ހަމަ ނިކުމެވުމާއެކު، ޒީނާ އަށް، އޭނާގެ ގެއާ ދިމާއަށް ދުއްވައިގަނެވުނެވެ. ގެއަށް ވާޞިލުވުމާއެކު، ކޮޓަރިއަށް ވަދެ، ދޮރު ލައްޕައި ތަޅުލި އެވެ. އޭރު ޒީނާ ހުރީ ހާސްވެފަ އެވެ. ކަންބޮޑުވެފަ އެވެ. ދެލޮލުން ހޯސްލާފައި ބޭރުވަމުންދިޔަ ކަރުނަތައް، ދެ ކޯތާފަތް މަތިން ކޯރެއް ހެން ފައިބަމުންދިޔަ އެވެ. ޒީނާގެ ރިހޭ ފައިމައްޗަށް ފޮއި ވެއްޓުނީ އެވެ. ނަމަވެސް އޭނާގެ ޒަމީރު އޭނާއަށް ނަސޭހަތްދެމުން ގެންދިޔަ އެވެ. "ހިތްވަރު އާކުރަންވާނެ އެވެ. މުސްކުޅިން ބުނެއުޅޭ ހަރުބަހެއްގައިވެއެއް ނޫންހެއްޔެވެ؟ އަޑިގަނޑަކަށްފަހު އުސްގަނޑެއް އަންނާނެ އެވެ. ކެތްތެރިވާށެވެ!" އެއަށްފަހު ހަފުތާއެއް ވެއްޖެ އެވެ. ޒީނާގެ ހިތާމައަކަށް ބަދަލެއް ނާދެ އެވެ. އޭނާގެ ހިތަށް ވެރިވި ހިތާމަ ދަނީ ހެދިބޮޑުވަމުންނެވެ. އެގޮތުގައި އޭނާ ދުވަސްތައް ހޭދަކުރަމުން ދަނިކޮށް އެއްރެއަކު އައި މެންދަމުގެ ފިނި ވަގުތެކެވެ. ހިތާމަތައް އޭގެ ކުންނަށް ވާޞިލުވި ވަގުތެކެވެ. އޭރުވެސް އޭނާ ދިޔައީ ޑައިރީގެ ފަތްފުށްތަކުގައި ގަލަން ހިންގާލަމުންނެވެ. ނަމަވެސް، ޒީނާ ރެއާއި ދުވާލު ކުރަމުންދާ ފުން ހިތާމަ، ޑައިރީގައި ލިޔަމުންދިޔައީ، ތުނޑު ނެތް ގަލަމަކުންނެވެ. އެއީ، އޭނާގެ ޙަޔާތަށް އައި އުފާވެރި ދުވަހެއް ނިމި، ރޭގަނޑެއްގެ ކަނު އަނިރިކަން ކުރިމަތިވި ހިނދު ޙާލަތު ހުރި ގޮތެވެ. ނަމަވެސް، އަނެއްކާވެސް ޙާލަތު ބަދަލުވެ، އަލުން އާދުވަހަކަށް އިރުއަރާނެ ކަމާމެދު އޭނާ ނާއުންމީދެއް ނުވެ އެވެ. | |
Fauttey's Blog
Wednesday, October 24, 2012
ލޯބީގައި ބަދަލުވި ޙާލަތު
Subscribe to:
Posts (Atom)
