Ads 468x60px

Thursday, October 24, 2013

!!ހެވޭނެ ދޯ ދެން އެހެންވީ މަ



ދުވަހުގެ މެންދުރުވަގުތެވެ. މަންމަވީ އޮފީހުގައެވެ. ބައްޕަވީ ސްކޫލްގައެވެ. ގޭގައި ތިބީ އަހަރެންނާއި އަހަރެންގެ ދެ ކޮއްކޮއެވެ. ހެނދުނު މަންމަ އޮފީހަށްދަމުން ދިން ބިސްގަނޑަކާއި ޕާންފޮއްޗެއް ކާލައިގެން ތިބިގޮތަށްތިބީއެވެ. ބަނޑުހައިވެގެން އަވަދިވަނީއެވެ. ނަމަވެސް މަންމަ އަންނާނެ ކަމުގެ އިންތިޒާރުގައި މަޑުކޮށްލައިގެން ތިބީއެވެ.


މަންމަގެ ފޯންކޯލްއެއް އަތުވެއްޖެއެވެ. ބުނުއްވީ މަންމައަށް މިއަދު އެހާއަވަހަށް ގެއަށް ނާދެވޭނެ ވާހަކައާއި މާމަމެންގެއަށް ގޮސް މެންދުރުކެއުމަށެވެ. މާމަ ގެއަށް ދިޔުމުގެ ހިޔާލެއް އަހަރެންގެ ނެތެވެ. އަވިގަދަކަމުން ބޭރަށް ބޯ ދިއްކޮއްލަން ވެސް ނުކެރެއެވެ. ހީވަނީ ހަމަ ބޮލުގެ ތަލަ މެދުން ބޮޑު ބާގަނޑެއް ކަނޑާލަ ފާނެހެނެވެ. އެހެންކަމުން އަހަރެން ނިންމީ އަމިއްލައަށް އެއްޗެއް ކައްކާލުމަށްށެވެ. ކޮއްކޮމެންވެސް އަހަރެންނާ އެއްބަސްވިއެވެ.

ތިންމީހުން އެކީ ބަދިގެ ތެރެއަށް ވަދެފީމެވެ. ފަހަރަކު ކަބަޑެއް ބަލަމުން ދަނިކޮށް ފެނުނީ ގޭސް އުނދުން ބަހައްޓާފައި ހުރި ކަބަޑުތެރޭގައި ހުރި ނޫޑުލްސް ކޭހެވެ. ހަވަރަކަށް ޕެކެޓް ނަގާފީމެވެ. އެއީ މަންމަމެންނަށާ ވާވަރަށް ކެއްކުމުގެ ނިޔަތުގައެވެ.

ކޮއްކޮމެންނާ އެއްޗެހި ކޮށަން ހަވާލު ކުރުމަށްފަހު އަހަރެން އުޅުނީ ނޫޑުލްސްތަށް މަޑު ކުރެވޭތޯއެވެ. ނޫޑުލްސްތަށް މަޑު ކޮށް ނިމެން ވާއިރަށް ކޮއްކޮމެން ފިޔައާއި މިރުހާއި އެއްޗެހި ކޮށައި ނިންމާލައިފިއެވެ. އަހަރެން ފިޔާގަނޑު ރަތް ކުރަން ފަށައިފީމެވެ. ފިޔާގަނޑު އެއްކޮށް ރަތްވެ ނިމެންކައިރިވިތަނާ ހިތަށްއެރީ ހިކަނދި ފަތް ކޮޅެއް ލުމަށެވެ. ކޮއްކޮ ގާތު ބުނެގެން އައިސް އަލަމާރިން ހިކަނދި ފަތް ކޮޅެއްގެނެސް އަޅައިލައިފީމެވެ. ފިޔާގަނޑަށް ބޭނުންވާ ހުރިހައި އެއްޗެއް އަޅައި މަސާލާގަނޑު މީރު ކޮށްލައިފީމެވެ.

ބޮޑު ނޫޑޮލްސްގަނޑެއް ކައްކައި ނިންމާލައިފީމެވެ. ހަމަނިމުމާ އެކީ ކަހަލަ ގޮތަކަށް މަންމައާއި ބައްޕަ އައިސް ގެ އަށްވަނެވެ. ހާދަ ވަސް ގަނޑު ރަނގަޅޭ ބުނަނަމުން މަންމަ ބަދިގެއާދިމާއަށް އައެވެ. ކޮއްކޮމެންނަށް އަހަރެން ކާން ގޮވީމެވެ. އޭރު މަންމަ ނޫޑުލްސް ގަނޑުގެ ރަހަ ބަލަނީއެވެ. ހަމަ އަނގަޔަށް ނޫޑުލްސްކޮޅު ލުމާއި އެކު ހަފާލާފައި އެއްޗެކޭވެސް ނުބުނެ މަންމަ ދުއްވައިގަތީ ފާހާނައާ ދިމާއަށެވެ. މަންމަ ނިކުމެގެން ދިޔަތަނާހެން ކަހަލަ ގޮތަލަށް އައިސް ބައްޕަ ވަނެވެ. އަހަރެން ކައއިރީ މަންމައަށް ކިހިނެތްވީހޭ އަހަމުން ކަހަލަ ގޮތަކަށް ބައްޕަވެސް ނޫޑުލްސް ކޮޅެއް ކާލިއެވެ. ބައްޕަވެސް ދުއްވައި ގަތީ ހަމަ ފާހާނައާ ދިމާއަށެވެ.

 އަހަރެން ހުރީ ވާނުވާ ނޭނގިފައެވެ. މި ވަނީ ކިހިނެއްބާއޭ އަހަރެންގެ ހިތަށް އެރިއެވެ. އެއިރު ކޮއްކޮމެން މަޑުމަޑުން މަލާމާތުގެ ރާގަކަށް ހީލަހީލާ ތިއްބެވެ. އަހަރެންގެ ބޮލަށް "ތެޔޮ" އަރައިފިއެވެ. އަހަރެންވެސް ނޫޑުލްސް ސަމުސައެއް ނަގާ އަނގަޔަށް ލައިފީމެވެ. ސަހަރޯއެވެ. ހެނދުނުކެއި އެއްޗިހިވެސް ނިކުންނަން އުޅޭ ކަހަލައެވެ. ބަނޑު ތެރޭގައި ކާއެއްޗިހީގެ ހަނގުރާމައެއް ފަށައިފިއެވެ. އަހަރެންނަކަށް ދެ ސިކުންތުވެސް ހިފަހައްޓައެއް ނުލެވުނެވެ. ހޯސްލާފައި އަހަރެން އެހާ "މީރު" ކޮށް ކެއްކި ނޫޑުލްސަށް އިތުރު "ފުލޭވާރ" އެއް އެއްވެތްޖެއެވެ. ހަމަސީދާ ތެއްޔަށެވެ. އާއެކެވެ. އަހަރެންނަށް ހޮޑު ލެވުނީއެވެ.


މިކެވުނީ ހިތި ހަބަރު ގަނޑެއް ބާވައޭވެސް އަހަރެންގެ ހިތަށް އެރިއެވެ. ކޮއްކޮމެން އޮށްތާ ތިބެގެން ހީހީ ދެމެނީ އެވެ. އަހަރެނަގެ ގާތަށްވެސް ހިނި އަތުވެއްޖެވެ. ކަންވީ ގޮތް އިނގުނީމައެވެ. ކޮއްކޮ ގާތު ހިކަނދި ފަތް ގެންނާށޭ ބުނުމުން ގެނައީ ހިކަނދި ފަތެއް ނޫނެވެ. މަންމަ ބޭހެއް ހަދަން އައިސް އަރަމާރީގައި ބަހައްޓާފައި ހުރި ހިތިފަތް ތަކެކެވެ. މިކަން އަހަރެންނަށް އިނގުނީ އޭގެ ފަތް ކޮޅެއް ކައިލެވުނީ މައެވެ. ކޮއްކޮ ގަސްދުގައި ކުރި ކަމެއް ކަމަށް ހީކޮށް ކޮއްކޯ ބޮލުގައި ތަފާއްޔެއް އަހަރެން އަޅުވައިލީމެވެ. ވަރަށް ބާރަށެވެ. ޙަޤީޤަތުގައި ކޮއްކޮއަކަށްވެސް ގެނެވުނީ ހިތި ފަތް ކަމެއް ނޭގެއެވެ. އެދުވަސް ނިމުނީ ހިތި ގޮތަކަށްށެވެ. 
ހުރިހާ ވެސް މައްސަލައަކީ ހިތިފަތެވެ. އެހެން ނޫންނަމަ ނޫޑުލްސް ގަނޑު ވަރަށް މީރުވީހެވެ.

ސަމާސާ އަދަބު - އުފެއްދުންތެރި ލިޔުމުގެ ތެރެއިން

0 comments :

Post a Comment