ތާއަރަފް:
1974 ވަނަ އަހަރުގެ
ފެބުރުއަރީ މަހު 5 ވަނަ ދުވަހު ހއ.އިހަވަންދޫ ވެދުންގެ އަށް އުފަންވި އަހުމަދު
ރަޝީދު ނުވަތަ އާންމުނަމުން ނަމަ ދޮންބެ އަކީ ހއ.އިހަވަންދޫ ޖަމީލާ އާދަމް އާއި
މުޙައަމަދު ޔޫސުފް ނުވަތަ ރަށުމީހުންގެ ނަމުން ނަމަ ސިއްތި ތުއްތު ގެ 7 ދަރިންގެ
ތެރެއިން 4 ވަނަ ދަރިފުޅެވެ. އެންމެ ކުޑަ އިރުވެސް "މޮޅު ކުއްޖަކަށް"
ވުމުގެ އަޒުމުގައި ކިޔަވަމުން އައި ދޮންބެ އަކީ މިހާރު ހއ.އިހަވަންދޫ މަދަރުސާގައި
އިސްލާމް މުދައްރިސް އެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ވަރު ގަދަ
ފަހުލަވާނެވެކެވެ.
ހަޔާތުގެ އުސްއަލި ތައް:
ޅަފަތުގެ ދައުރު:
ކުޑަ އިރުވެސް އެންމެ ކުރާހިތްވާ ކަމަކީ
ކިޔެވުން ކަމުގައި ބުނާ ދޮންބެގެ ފުރަތަމަ އެދުރު ދައިތަ އަކީ ހއ.އިހަވަންދޫ
ފެމޮރާގެ ވަފިއްޔާ ދައްތައެވެ. ވަފިއްޔާ ދައްތަ ކިޔަވައި ދިނީ ޤުރުޢާނެވެ.
ގިރިޓީގެ ހައްވަދައިތަ ކައިރިއަށް ވެސް ޤުރުޢާން ކިޔަވަން ދިޔަކަމަށް ދޮންބެ
ބުނުއްވިއެވެ. އެދުވަސް ވަރަކީ ޓީޗަރުން ގިނަ ދުވަސް ވަރެއް ނޫނެވެ. ނަމަވެސް
ދޮންބެ އަށް ވަނީ އިރަމާގެ ޒަހީރާ އަބުދުއް ސަމަދުގެ ފަރާތުން ހިސާބު އިލްމު
ކޮންމެވެސް ވަރަކަށް އުނގެނުމުގެ ފުރުސަތު ލިބިފައެވެ. ހިސާބު، މި މާއްދާ އަކީ
ދޮންބެގެ "ފެވްރިޓް" މާއްދާއެވެ. ކުޑައިރު ފޫހި ފިލުވާލުމަށްޓަކައި ދޮންބެ
ކޮށް އުޅޭ ކަމަކީ އެކުވެރިންނާއި އެއްކޮށް ތުނޑިއަށް ދޫނި ހިފަންދިޔުމެވެ. ކުޑަ
އިރު ދޮންބެގެ އެންމެ ގާތް ރައްޓެއްސަކީ ގިރިޓީގެ ސަމަދެވެ. މިއަދާ ހަމައަށް ވެސް
އެންމެ ހަނދާނުގައި ހުންނަ އެއް ހަދިސާކަމުގައި ދޮންބެ ބުނީ އެކުވެރިންނާއި އެކު
ޓީ.ވީ ބަލަން ތިއްބައި ދޮންބެ ވެއްޓި ބަނޑަށް ލިބުނު ޒަހަމުގެ ވާހަކައެވެ.
ތައުލީމީ ހަޔާތާއި
ކާމިޔާބީތަކާއި ޙިދުމަތްތަށް:
އުމުރުން 8 އަހަރު ގައި
ދޮންބެގެ ކިޔެވުން ފެށީ ހއ.އިހަވަންދޫގައި އޭރު ހިންގަމުންދިޔަ "ސުޕެސަލް
ކުލާސް ގުރޭޑް 1"އިން ކަމުގައި ދޮންބެ ބުނުއްވިއެވެ. އެ ކުލާސްތަކަށް ދާން ޙާއްސަ
ޔުނީފޯމްއެއް ނުހުރެއެވެ. އެހެން ކަމުން އެ ކުލާސްތަކަށް ދާން ޖެހެނީ އާދައިގެ
ހެދުމުގައެވެ. ދޮންބެ އަކީ މި "ސުޕެސަލް ކުލާސް" ތަކުގެ ކުދިންތަކުގެ
ތެރެއިން އެންމެ ހަގު ކުއްޖާ ނަމަވެސް ކިޔެވުމަށް އެންމެ މޮޅު ކުއްޖާ ކަމުގައި
ދޮންބެ ބުނުއްވިއެވެ. ހއ.އިހަވަންދޫއިން "ސުޕެސަލް ކުލާސް ގުރޭޑް 6"
އަކާ ހަމައަށް ކިޔެވުމަށް ފަހު ދެން ތައުލީމް ހާސިލް ކުރަން ދޮންބެ ދިޔައީ
ހއ.ހުވަރަފުއްޓަށެވެ. ނަމަވެސް "އޯވަރ އޭޖް" ވެފައި ވުމުގެ ސަބަބުން
ހުވަރަފުށީ ސުކޫލަށް ވަނީ ވަދެވޭގޮތް ނުވެފައެވެ. މިކަމައި ދޮންބެ ހިތާމަކޮށްކޮށް
ހުއްޓައި ދޮންބެ އުފާކޮއްދިނީ ހއ.އިހަވަންދޫ ބިންހިމަގޭ އާބިދާ ދައްތަ ކަމަށް
ދޮންބެ ބުނުއްވިއެވެ. އެއީ ތައުލީމު ހާސިލް ކުރަން ދޮންބެއަށް މާލެ ދިޔުމުގެ
ފުރުސަތު ތަނަވަސްކޮށް ދެއްވީ ބިންހިމަގޭ އާބިދާ ދައްތަކަމަށް ވާތީއެވެ. ދޮންބެ
ހިތަކުން އާބިދާ ދައްތަ އެ ވެދެއްވި އެޙީތެރިކަން ދުވަހަކުވެސް ފިލައިގެން
ނުދާނެކަމަށް ދޮންބެ ބުނުއްވިއެވެ.
ނަމަވެސް ދެން ދިމާވި
ކަމަކީ ދޮންބެގެ މައިންބަފައިން މާލެއަށް ކިޔަވަން ދިޔުމަށް ނުރުހުން ވުމެވެ.
ސަބަބެއް ކަމުގައި ދޮންބެ ބުނުއްވީ ދޮންބެ އެކަނި އެ އާއިލާގައި ފިރިހެން
ކުއްޖަކަށް ވެފައި ދޮންބެގެ މައިންބަފައިން ދޮންބެދެކެ ލޯބި ވާލެއް ބޮޑު ކަމުން
ލޯމަތިން ގެއްލުމަށް ބޭނުން ނުވާތީކަމަށްށެވެ. ނަމަވެސް ކިޔެވުމަށް އުފެދިފައި
ހުރި ޝައުގެއްގެ ބޮޑުކަމުން ދޮންބެ މާލެއަށް ތައުލީމު ހާސިލުކުރަން ދިޔައެވެ.
މާލޭގެ ސުކޫލެއް
ކަމުގައިވާ އަހުމަދިއްޔާގެ ގުރޭޑް 6 ކުން ދޮންބެގެ ކިޔެވުން އަނެއްކާވެސް
ފަށައިގަތެވެ. އޭރު ދޮންބެގެ އުމުރަކީ 14 އަހަރެވެ. އަޙުމަދިއްޔާއިން ދޮންބެ
"ޖީ.ސީ.އީ އޯ ލެވެލް" ހަދައި ސާނަވީ ތައުލީމް ހާސިލް ކުރެއްވިއެވެ.
އަޙުމަދިއްޔާގައި ދޮންބެ ހޭދަ ކުރި ދުވަސް ތަކުގައި އެކި ފަހަރު މަތިން ޤުރުވާން
މުބާރާތް ތަކުގައި އެއްވަނަ އަދި ދެވަނަ އަދި މިފަދަ ފަހުރުވެރި ކާމިޔާބީތަށް
ހޯދާފައިވެއެވެ.
1997 ވަނަ އަހަރު ކުއްލިޔަތުލް ދިރާސަތުލް އިސްލާމިއްޔާއަށް ފުރަތަމަ
ކޯހެއް ހަދަން ވަނެވެ. ވަދެފައި ފުރަތަމަ ސެމިސްޓާރ ނިމި ދެވަނަ ސެމިސްޓާރ ފަށައި
ދުވަސް ކޮޅެއް ނުވެ އުޅެނިކޮށް ދޮންބެގެ ބައްޕަ ނިޔާވިއެވެ. އެހެން ކަމުން ދޮންބެ
އަށް ޖެހުނީ ކޯސް ދޫކޮށްލުމަށް ފަހު ރަށަށް އަންނާށެވެ. ކުއްލިއްޔާގައި ހޭދަ ކުރި
ފުރަތަމަ ސެމިސްޓާރގައި އެންމެ މޮޅެތި ދަރިވަރުން ގެ ތެރޭގައި ހިމެނުނުކަމަށް
ދޮންބެ ބުނުއްވި އެވެ. ރަށަށް އައިސް ހުރިހުރުމުގައި 1998 ގައި ހއ.އިހަވަންދޫ
މަދަރުސާގައި އިސްލާމް މުދަރިސްއެއްގެ ގޮތުގައި ފުރަތަމަ ވަޒީފާއަށް އިހަވަންދޫ
މަދަރުސާއާއި ގުޅުނެވެ.
އިހަވަންދޫ މަދަރުސާގައި
ކިޔަވައި ދިނުމަށް އުޅުމަށް ފަހު 2000 ވަނަ އަހަރު ފެކަލްޓީ އޮފް އެޑިއުކޭޝަން
އިން ސާނަވީ އިސްލާމް މުދައްރިސް ގެ ކޯހެއް ދޮންބެ ހެދިއެވެ. މި ކޯހުގައިވެސް
އެންމެ ރަގަޅު ދަރިވަރެއްގެ ގޮތުގައު ދޮންބެ ފާހަގަ ކުރެވުނެވެ. މި ކޯސް
ނިންމުމަށް ފަހު އަނެއްކާވެސް އިހަވަނަދޫ މަދަރުސާގައި ޓީޗަރެއްގެ ގޮތުގައި
އުޅެންފެށިއެވެ. ދޮންބެ އަށް ވަނީ އެހެން ރައްރަށުންނާއި މާލެއިން ވަޒީފާގެ
ފުރުސަތު ލިބިފައެވެ. ނަމަވެސް ރަށަށްދެވިފައިވާ ލޯތްބެއްގެ ބޮޑުކަމުން ރަށަށް
ޙިދުމަތް ކުރުމުގައި ސާބިތުވެ ހުރީއެވެ. ނަތީޖާ އަކަށްވީ އިހަވަންދޫ މަދަރުސާގައި
އާދައިގެ ޓީޗަރެއްގެ މާޤާމުން ފެށި ދޮންބެ ސުޕަވައިޒަރެއްގެ މަޤާމަށް ބަދަލުވުމެވެ.
2008 ވަނަ އަހަރު
ދޮންބެގެ ތަޢުލީމީ ހަޔާތަށް އަނެއްކާވެސް ބޮޅެއް އިތިރުވިއެވެ. މި އަހަރު ފެކަލްޓީ
އޮފް އެޑިއުކޭޝަން އިން ދޮންބެ އިސްލާމް ޓީޗިން ޑިގްރީ ފެށިއެވެ. ފަށައިގެން
ނިމެން ސެމިސްޓާރ އަކަށް ވީތަނާހެން ދޮންބެގެ މަންމަ ވަރަށް ބޮޑަށް ބަލިވިއެވެ.
ދޮންބެ ކޯސް ދޫނުކޮށްލާ ކިޔަވަންވެސް ހުރެވެން އޮތެވެ. ނަމަވެސް ދޮންބެ ޤަބޫލް
ކުރާ ގޮތުގައި ކިޔެވުމަށް ވުރެ މަންމަ މުޙިއްމެވެ. އެހެންކަމުން ދޮންބެ ކޯސް
މެދުކަނޑާލާފަ އެނބުރި ރަށަށްއައެވެ. ކަންދިމާވި ގޮތުން އައިސް ދުވަސް ކޮޅެއްނުވެ
އުޅެނިކޮށް ދޮންބެގެ މަންމަ ނިޔާވިއެވެ. ދޮންބެ އަނެއްކާ އިހަވަންދޫ މަދަރުސާއާއި
ގުޅުނެވެ. ކިޔަވައިދެން އުޅެނިކޮށް ކޯސްގެ ނުނިމިއޮށްބައި ފުރިހަމަ ކުރުމަށް
ދޮންބެއަށް ފުރުސަތު ލިބުނެވެ. އިހަވަންދޫ މަދަރުސާއިން ކެނޑިގެން އަނެއްކާވެސް
ނުނިމި އޮތް ސެމިސްޓާ ފުރިހަމަ ކުރަން ދޮންބެ ފެށި އެވެ. 2011 ވަނަ އަހަރު ކޯސް
ފުރިހަމަ ކުރުމަށް ފަހު އިހަވަންދޫ މަދަރުސާގައި ދޮންބެ ކިޔަވައިދޭންފެށިއެވެ.
މިހާރު ދޮންބެއަކީ އިހަވަންދޫ މަދަރުސާގެ ކޮލިފައިޑް ލީޑިން ޓިޗަރެކެވެ.
އެހެނިހެން
ހިދުމަތްތަކަށް ބަލާއިރު ދޮންބެ ވަނީ ހއ.އިހަވަންދޫގެ ޖަމިއްޔާއެއް ކަމަށްވާ އިހަވަންދޫ
މަސްވެރިން ގުޅުމުގެ 3 ވަނަ ދައުރުގެ ރައީސްކަންވެސް ކުރަށްވާފައެވެ. އަދި ދޮންބެއަކީ
ކުޅަދާނަ ކަމާއި އެކު ޙުތުބާ ވިދާޅުވާ އިމާމެކެވެ. އަދި ބަލާތްގާތްތެރި ކަމާއި
އެކު ވާހަކަ ދައްކަވާ ވާހަކަދެއްކުންތެރިއެކެވެ.
އަމިއްލަ ދިރިއުޅުން:
2001 ވަނަ އަހަރު ދޮންބެގެ
އުމުރުން 26 އަހަރުގައި ޒަވާޖީޙަޔާތެއް ފެށިއެވެ. ދޮންބެ ކައިވެނި ކުރީ ސަމީމާ
އަބްދުއް ސައްތާރާއެވެ. ކޮންމެ މީހެއްގެ ދިރިއުޅުމުގައި ވެސް އަޑި ގަނޑަކާޖެހި
އުސްގަނޑެއް އަންނާނެއެވެ. އެގޮތުން ދޮންބެގެ ހަޔާތުގައިވެސް އަޑި ގަނޑެއް އައެވެ.
އެއީ ދޮންބެ ޖެހި "ގޮށް" މޮހާލަންޖެހުމުންނެވެ. ނަމަވެސް ދެ މީހުން
ވާހަކަ ދައްކައިގެން އަނެއްކާ އެ "ގޮށް" އެއްސިއެވެ. ދޮންބެ
ބުނުއްވި
ގޮތުގައި މިއީ ވެސް ދޮންބެއަށް ވަރަށް ބޮޑެތި އިބުރަށްތަކެއް ލިބުނު ކަމެކެވެ.
ދޮންބެގެ ޒަވާޖީ
ޙަޔާތަށް 13 އަހަރު ވެފައިވާއިރު ވަނީ އަންހެންކުއްޖަކާއި ފިރިހެންކުއްޖެއް
ލިބިފައެވެ. އެންމެ ދެކެން ބޭނުންވާ ދުވަސްކަމުގައި ދޮންބެ ބުނުއްވީ ދޮންބެގެ
ކުދިން ރަގަޅަށް ކިޔަވައި މޮޅުކުދިންވާ ދުވަސްކަމުގައެވެ. އަދި ދޮންބެ އަށް
ޕީ.އެޗް.ޑީ އެއް ހެދޭނެ ދުވަހެއް އަތުވެއްނަމަވެސް ވަރަށް އުފާވާނެ ކަމުގައު
ދޮންބެ ބުނުއްވިއެވެ. ގަރުދިޔަ އާއި ބަތާ ލޮނުމިރުހާ އެންމެ މީރު ކެއުން
ކަމުގައިވާ ދޮންބެ، އެންމެ އުފާވި ދުވަހަކީ ފުރަތަމަ ދަރިފުޅު ލިބުން ދުވަސް
ކަމަށް ދޮންބެ ބުނުއްވިއެވެ.
އިލްތިމާސް:
ދޮންބެ އިލްތިމާސްއެއްގެ
ގޮތުން ބުނުއްވީ ކޮންމެ މީހަކުވެސް ވާންވާނީ މާތްﷲ އެމީހަކު ދުނިޔެއަށް ފޮނުއްވި ބޭނުން ފުރިހަމަކޮށްފައި
ދުނިޔެދޫކުރާ މީހެއް ކަމުގައެވެ. އަދި ދިރިއުޅުން ކާމިޔާބު ކުރެވޭނެ ވަރުގެ ގާބިލު
މީހަކަށް ކޮންމެ މީހަކު ވެސް ވާންވާނެކަމުގައެވެ. ކަންތައްތަކުގައި ކެއްތެރިވެ،
އަބަދުވެސް މަރު މަތިން ހަނދާން ކުރާބަޔަކަށް ވުމަށް ދޮންބެ އިލްތިމާސް
ކުރެއްވިއެވެ.އަދި ކަށްވަޅަށްދަންދެން ކިޔެވުމުގައި ކުރިއަރާ ބަޔަކަށް ވުމަށް
ދޮންބެ ގޮވާލިއެވެ.
0 comments :
Post a Comment